މީޑިއާ
ހަރަކާތްތަކުގެ ޚަބަރު

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ރުއް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

715426277 1493390965918712 2893721487702785263 n

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި ދިވެހި ރުއް އިންދުމުގެ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއް 2026 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު (ހޮނިހިރު) ބާއްވައިފި އެވެ. ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބޭއްވި މި ހަރަކާތަކީ ދުނިޔޭގެ އެންވާޔަރަންމަންޓް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށްގެންދިޔަ ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ހަވީރު 16:00 އިން 17:30 އަށް ހުޅުމާލެ ފޭސް 2 ގެ ހުސް ބިމެއްގަ އެވެ.

މި ހަރަކާތާ ގުޅޭ މައުލޫމާތު ކުރިން ވަނީ މިނިސްޓްރީ އޮފް އެންވާޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީއާ ހިއްސާކުރެވިފަ އެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން ފާހަގަކުރެ އެވެ.

މި ހަރަކާތުގައި އެންވާޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް" ޕްރޮޖެކްޓް ކޮމެޓީންވެސް އަމަލީގޮތުން ބައިވެރިވި އެވެ. އަދި ހުޅުމާލޭގެ 5 ސްކޫލެއް ކަމަށްވާ ރެހެންދި ސްކޫލް، ޣާޒީ ސްކޫލް، ހުރަވީ ސްކޫލް، ސަލާޙުއްދީން ސްކޫލް އަދި ޝަހީދު އަލީ ސްކޫލުން މި ހަރަކާތުގައި ބައިވެރިވި އެވެ.

މީގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ދަރިވަރުންނާއި މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ މުއައްސަސާތަކުގެ ބޮޑު ތަރުހީބެއް މި ހަރަކާތަށް ލިބުނެވެ. އޭގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އުރީދޫ މޯލްޑިވްސްއިންނެވެ. އަދި އެޗް78 ގެ ފަރާތުންވެސް ބޮޑެތި އެހީތަކެއް ލިބުނުކަން އެލަޔަންސްއިން ފާހަގަކުރެ އެވެ. މި އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ އާއި 5 މިލިއަން ގަސް ޕްރޮޖެކްޓް ކޮމެޓީ ހަމަޖައްސާފައިވާއިރު، ޑްރިންކްސް ޕާޓްނަރަކީ ބޮނަކުއާ އެވެ. އަދި މީޑިއާ ޕާޓްނަރަކީ އެސްއެސް ޓީވީ އެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތުގައި ސްކޫލްތަކާއި އެކި މުއައްސަސާތަކުން ޖުމުލަ 1000 އަށްވުރެ ގިނަ މީހުން އަމަލީ ގޮތުން ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވި އެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ފެހި ތިމާވެއްޓެއް ކަށަވަރުކޮށްދިނުމެވެ.

ޝެއަރ